އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރުގެ އާމްދަނީއަށް 61 މިލިއަން ރުފިޔާ އިތުރުވެ، ގެއްލުމުން 10 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ގަން އެއާޕޯޓަށް 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 33 މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ އާމްދަނީ 94.4 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އާމްދަނީގެ ބޮޑު ހިއްސާއަ އަކީ ޖެޓް ފިއުލްގެ ވިޔަފާރިއެވެ. އެގޮތުން 2024ގައި ޖެޓް ފިއުލްގެ އާމްދަނީ އަށް 13.6 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު އެ އަދަދު 72.9 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ގަން އެެއާޕޯޓްގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު، ގްރައުންޑް ހޭންޑްލިން ޗާޖުގެ ގޮތުގައި 9.64 މިލިއަން ރުފިޔާ އަދި ލޭންޑިން ފީގެ ގޮތުގައި 3.86 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނެވެ.
އެކަމަކު އާމްދަނީ އިތުރުވި ނަމަވެސް، ފާއިތުވި އަހަރަކީ ކުންފުނީގެ ޚަރަދުތައް ވެސް ބޮޑުވި އަހަރެކެވެ. އެގޮތުން ޖުމުލަ ހިންގުމުގެ ޚަރަދު 55 މިލިއަން ރުފިޔާއިން 112 މިލިއަން ރުފިޔާއަށް އިތުރުވި އިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ޖެޓް ފިއުލް ގަތުމަށެވެ. އެކަމަށް 66.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ކުންފުނީގެ މުވައްޒަފުންނަށް ކުރި ޚަރަދުތައް ކުޑަކޮށްފައިވާ އިރު، 2024ގައި މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި 47.7 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު 46.2 މިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ. އޭގެ ތެރޭގައި މުސާރައާއި އުޖޫރައަށް ހޭދަކުރި 22.2 މިލިއަން ރުފިޔާ އާއި، އިނާޔަތްތަކުގެ ގޮތުގައި ދިން 22 މިލިއަން ރުފިޔާ ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން ގަން އެއާޕޯޓުން ކުންފުންޏަށް 2024ގައި 78.7 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ނަމަވެސް، މިދިޔަ އަހަރު ލިބުނު ގެއްލުން ވަނީ 68.7 މިލިއަން ރުފިޔާއަށް ކުޑަވެފައެވެ.

