logo

"ހިލޭ ޓީވީ" ވެބްސައިޓަށް ނުވަދެވޭގޮތް ހަދަން ކޯޓުން އަމުރުކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ހިލޭޓީވީ ވެބްސައިޓް މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތައް ދައްކާނެ ކަމަށް އިއުލާންކޮށްފައިވަނިކޮށް، އެ ސައިޓް ހުއްޓުވަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް)ގެ މައްޗަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން މި އަމުރު ނެރެފައިވަނީ ކޮޕީރައިޓާއި، އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، މީޑިއާނެޓުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން ވޯލްޑް ކަޕްގެ އެކްސްކްލޫސިވް ރައިޓްސް ފީފާއިން އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި، އަދި ސަބްލައިސަންސްގެ ދަށުން ޕީއެސްއެމަށް މެޗުތައް ފޯރުކޮށްދިނުމުގެ ހުއްދަ ދީފައިވަނިކޮށް، ހިލޭ ޓީވީން އެއްވެސް ލައިސަންސެއް ނެތި މެޗުތައް ދައްކަން އުޅޭ ކަމަށް މީޑިއާނެޓުން ބުނެފައި ވެއެވެ.

މީގެ އިތުރުން ހިލޭ ޓީވީން ވޯލްޑް ކަޕްގެ މެޗުތައް ދައްކައިފިނަމަ އެ ކުންފުނީގެ މަސްލަހަތަށާއި އާންމުންގެ މަސްލަހަތަށް އިއާދަކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަން ފާހަގަކޮށް މީޑިއާނެޓުން ކޯޓުގައި ބުނީ ހިލޭ ޓީވީން މީޑިއާނެޓުގެ ޗެނަލްތަކުގެ ފީޑުތައް ނަގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ހަމަމިއާއެކު ހިލޭ ޓީވީން މެޗުތައް ދައްކަމުންދަނީ އެކި ތަންތަނުން ޕައިރޭޓެޑް ޓީވީ ޗެނަލްތަކެއްގެ ލިންކް އެއްތަނަކަށް އެއްކޮށްގެން ކަމަށް މީޑިއާނެޓުން ތުހުމަތުކުރެ އެވެ. އެގޮތުން ސްޓްރީމިއޯ އެޑްއޮންއެއް މެދުވެރިކޮށް އިންޓަނެޓުންނާއި، ޓެލެގްރާމްގައި ހިންގާ "ސަޕޯޓް" ޗެނަލެއް މެދުވެރިކޮށް މި ހިދުމަތް ދެމުންދާ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ބުނެފައި ވަނީ ހިލޭ ޓީވީން ކުރިން ހިންގި މައި ޓެލެގްރާމް ޗެނަލް ޑީއެކްޓިވޭޓްކުރީ ވެސް ކޮޕީރައިޓަށް އަރައިގަންނަމުންދިޔުމާ ގުޅިގެން ކަމަށެވެ.

މި މައްސަލަގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ މީޑިއާނެޓުން އެދުނު ވަގުތީ އަމުރުގައި އެ ކަމަށް އެދެންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމަށެވެ. އެ ތަނުން އެދޭ ގޮތަށް، އެ މައްސަލަ ނިމެންދެން އާންމުން އެ ސައިޓަށް ނުވަދެވޭ ގޮތް ހެދުމަށް އެ އަމުރުގައިވެއެވެ.

ad