logo

އަށް މަސްދުވަހުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ދަރަނި ދެއްކިއްޖެ: ޒަރީރު

މުސްލިމާ ޙަސަން
2 ދުވަސް ކުރިން

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަަދާކުރުމަށް 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ

މިނިސްޓަރު މިކަން ހާމަކުރެއްވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި "މަތީ މަޖިލިސް" ބައްދަލުވުމުގައި ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ދެއްވި ޕްރެޒެންޓޭޝަނެއްގައެވެ.

ވަޒީރު ވިދާޅުވީ، މިއީ ފާއިތުވި 9 އަހަރުގެ ތެރޭގައި ދަރަނިތައް ދެއްކުމަށް ދައުލަތުން ހޭދަކުރި މިންވަރަށްވުރެ އިތުރު އަދަދެއް ކަމަށާއި، 2015 ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު މިންވަރު ވަރަށް ދަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑަށްފަހު، 400އެއްހާ މިލިޔަން ރުފިޔާގެ ދަރަނި ދައްކަން ޖެހުނުއިރު، އޭގެ ފަހުން ދަރަނި ދައްކަން ޖެހޭ އަދަދުތައް މަތިވަމުންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވ

އެހެންކަމުން މިހާރުވަނީ ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގެ އެންމެ ފަހު ޕޭމަންޓް ވެސް މިހާރު ވަނީ ދައްކައި ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ 7 އަހަރު ތެރޭ ތެޔޮ އިމްޕޯޓު ކުރުމަށް އެންމެ ބޮޑު ޚަރަދެއް ހިނގީ 2022ގައި ކަމަށާއި، އެ އަހަރު އެކަނިވެސް 831 މިލިޔަން ޑޮލަރު އެކަމަށް ހޭދަވި ކަަމަށެވެ.

އަދި ޖެހިގެން އައި 3 އަހަރު އެ އަދަދު ހުރީ 700 މިލިޔަން ޑޮލަރުން މަތީގައި ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ދަށްވެ، އެ އަދަދު 683 މިލިޔަން ޑޮލަަރުގައި ހުރި ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހުގެ އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މި ސަރުކާރުން ދެއްކިއިރު، އޭގެ އިންޓްރެސްޓަށް އެރި ފައިސާ އިންޑިއާ އިން ވަނީ ދައްކާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ އެސްބީއައި މެދުވެރިކޮށް ނެގި އެ ފެސިލިޓީގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އިއްޔެ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ހަ ފަހަރެއްގެ މަތިން، މި ފައިސާ ދެއްކުން ފަސްކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ މި ފައިސާ ދެއްކީ ޖެނުއަރީ 2024 ގައެވެ. އެއީ 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ދެއްކިއެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި ދަރަނި އެއްކޮށް ދައްކައި ވަނީ ނިމިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.

ad