އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ނޮވެންބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) ބުނެފިއެވެ.
މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ. ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އެއަށްފަހު ސަބްބޭސް އަޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީ ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމާއިއެކު، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގެ ސަބަބުން އިއްޒުއްދީން މަގާ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން ބުނީ، މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލުމަށްފަހު، ސެގްމަންޓް 2 ގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުއެވެ. މި ހުރިހާ މަސައްކަތެއް ނޮވެންބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ކުންފުނިން ބުނެއެވެ.
އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރު އަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަޙައްދުތައް އަވަހަށް ހަލާކުވެފައިވަނީ، ތާރު އެޅުމަށްފަހު ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުން ކަމަށް ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސް ދަތުރުކުރާ މަގަކަށް ވުމުން، ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އިތުރުވެފައިވެއެވެ.
ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.

