logo

އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަންދީފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

މާލޭގެ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ހާލުގައި ޖެހުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވައިގެ 7 ވަނަ ފަންގިފިލާގައެވެ. އަލިފާން ރޯވެފައިވަނީ އެ ފަންގިފިލާގައި ހުރި އެޕާޓްމަންޓުގެ ސިޓިންރޫމުގައެވެ. ރޯވި އަލިފާންގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް އަދި ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާން ރޯވި އެޕާޓްމަންޓުގެ ސިޓިންރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
އެންޑީއެމްއޭ އިން ބުނީ، ހާދިސާ ހިނގި ޢިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި، ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ 4 ދިވެހިން ކަމަށްވާ ތިން އަންހެނުންނާއި ފިރިހެނަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް އެ ތަންތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު އެ ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ޔަގީންކޮށްދީފައެވެ.

ad