logo

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ގަޑިއިރެއް ކުރިން

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފިއެވެ. މާލެ ސަރަހައްދު ހިމެނޭހެން އަތޮޅު ތެރޭގައިވެސް ހިންގާލުން ކުރިއަށް ގެންގޮސްފައިވާއިރު، މި ހިންގާލުމުގައި ފުލުހުންގެ އެކި ބަހާތަކުން 1200 އަށް ވުރެ ގިނަ ފުލުހުންނާއި މުވައްޒަފުން ބައިރިވެރިވެފައިވެއެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ހިނގާލުން މާލޭގައި ފަށާފައިވަނީ ޖުމްހޫރީ މައިދާނުންނެވެ. ހިންގާލުމުގައި ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުޙައްމަދު އަދި ފުލުހުންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފުލުހުން އަދި ފުލުހުންގެ މުޢައްސަސާގައި މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ހިންގާލުން ފަށާފައިވަނީ ފުލުހުންގެ އަޒުމު ލައިދިނުމަށް ފަހުއެވެ. މި ހިންގާލުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާލޭ ވަށާ ދިއުމަށް ފަހު އަނބުރާ ޖުމްހޫރީ މައިދާނަށް ނިންމާލާ ގޮތަށެވެ. ފުލުހުން ވިދާޅުވީ، މިއީ ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީޚާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުން ވެފައިވާ އަގުހުރި ގުރުބާނީ އާއި އިޚްލާސްތެރިކަން ރަމްޒުކޮށްދޭ އެއްބައިވަންތަކަމުގެ ހިނގާލުމެއްކަމަށެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަަސް ފާހަގަކުރުމަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ފުލުހުންގެ އިތުރު ހަރަކާތްތައްވެސް ދަނީ ބާއްވަމުންނެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުޑަކުދިންގެ ހަވީރާއި، އާއިލީ ހަރަކާތްތަކުގެ އިތުރުން ބައެއް ކުޅިވަރު ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވެއެވެ. އެގޮތުން މިރޭ "ބްލޫސް ފެމިލީ ނައިޓް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. ބާރަށު ޝިޔާމް، ހަބޭސް އަދި އެމްއެންއެސްޔޫގެ ހަރަކާތްތައް މި އިވެންޓުން ފެންނާނެއެވެ. އެ އިވެންޓް އޮންނާނީ ރޭގަނޑު 08:30ގައި ސޯޝަލް ސެންޓަރގައެވެ.

ފުލުހުންގެ ޚިދުމަތަށް ޚިދުމަތަށް ޚާއްސަކޮށްގެން ފުރަތަމަ ޤާނޫނެއް އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2020 ވަނަ އަހަރު އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން ޒަމާނީ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާއަށް ޚިދުމަތް ވަނީ ބައްޓަންކުރެވިފައެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ 1933 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ފުލުހުންގެ ޚިދުމަތް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ.

ad