މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް އިންޓަޕޯލް އިން ސަރަހައްދީ ފެންވަރުގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން އެއްގެ ދަށުން 7 ބިދެސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި 7 ބިދޭސީން ގެންގޮސްފައި ވަނީ މާލެއާއި ހުޅުމާލެއިންނެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން ހިއްސާކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރިއަށްދާ މި އޮޕަރޭޝަނަކީ އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއށްގެންދާ " އޮޕަރޭޝަން ސްޓޯމް މޭކާރ 4" ގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގްސަދަކީ އިންސާނީ ވަގުފާރި ހުއްޓުވުމާއި، މިފަދަ ކަންކަން ހުއްޓުވުމަށް މެންބަރު ގައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތް ކުރުމެވެ.
އެގޮތުން އިމިގްރޭޝަނާޢި ދިވެހި ފުލުހުންގެ ޙިދުމަތާއި ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ރޭ ހުޅުމާލޭގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސް ކޮށްފައެވެ. އެތަނުން 79 ބިދޭސިއަކު ފާސްކުރުމަށްފަހު ގަވާއިދާ ޙިލާފަށް އުޅެމުން ދިޔަ 6 ބިދޭސީއަކު އިމިގްރޭޝާންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މީގެއިތުރުން ، އިއްޔެ މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން ޖުމްލަ 160 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފުވި 9 މީހަކަށް ހާޒިރުވުމުގެ ނޯޓިސް ދީފައިވާއިރު، އެކަކު ވަނީ ވަގުތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ތެރެއިން، މިފަދަ އިންސްޕެކްޝަންތައް މާލެއާއި އަތޮޅުތެރޭގައި ވެސް ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.
