logo

ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

އަހަރުގެ މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޖުލައި 16ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 8.4 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު 185 ރިސޯޓެއް އެބައޮތެވެ. މީގެތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. ހިދުމަތް ދެމުން އަންނަ ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 45،115 އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީވެސް ރިސޯޓްތަކުގައެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 72.9 އިންސައްތަ ނުވަތަ 877,914 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތައްދީ، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްލެވެއެވެ. މި އިސްލާހުގައިވާ ގޮތުން އެ ޒޯންތަކުގައި އިންވެސްޓްކުރެވޭނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށެވެ.

ސަރުކާރުން ބުނާގޮތުގައި މިފަދަ ގާނޫނީ ބަދަލުތަކާއެކު ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ގެނެވި، އުމްރާނީ އަދި މާލީ ގޮތުން ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ވަށައިޖެހޭ ތަރައްޤީއެއް ރާއްޖެއަށް ގެނެވޭނެއެވެ.

ad