މިދިޔަ ތިން އަހަރު 70،000އަށްވުރެ ގިނަ މީހުން ސައިކޭޓްރިސްޓުންނާއި ދައްކައިގެން ފަރުވާ ހޯދާފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ނަފްސާނީ ފަރުވާއަށް ޚާއްސަކޮށްގެން 'މެންޓަލް ހެލްތު' ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް ކަނޑއަޅާފައިވާ ކަމަށެވެ.
ގީލާ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން މިހާރު ނިންމާފައިވަނީ ހުޅުމާލެ ސަރަހައްދުގައި ކަމަށެވެ. ގީލާ ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މިޖެހެނީ މާލޭގައި ގިނަ ރިސޯސްތައް ހުރެފައި އެފަދަ ބަލި މީހުންނަށް ބޭނުންވާ ފަރުވާ އާއި ޓެސްޓުތައް ހެދޭނެ ނިޒާމު މިވަގުތު ގާއިމުވެފައިވަނީ މާލެ ސަރަހައްދުގައި ކަމަށްވާތީއެވެ.
މެންޓަލް ހޮސްޕިޓަލަކީ ބޭނުންތެރި ތަނެއްކަން ފާހަގަކުރައްވަމުން ގީލާ ވިދާޅުވީ އެއީ ވަރަށް ހާއްސަ ފަރުވާތަކެއް ދެވޭ ތަނެއް ކަމަށާއި އެތަނުގައި ފަރުވާދޭ ޑޮކްޓަރުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވާން ޖެހޭ ކަމަށެވެ. މެންޓަލް ހެލްތުގެ ބަލި މީހުންނަކީ އެކި މަރުހަލާތަކުގައި ފަރުވާ ދޭންޖެހޭ ބައެއް ކަމަށާއި ދިގު މުއްދަތަކަށް ހޮސްޕިޓަލުގައި ވަގުތު ހޭދަކުރަން ޖެހޭއިރު، އެފަދަ އިންތިޒާމުތަކެއް ހޮސްޕިޓަލުގައި ގާއިމުކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފާއިތުވީ ތިން އަހަރުގައި 70،000 އަށްވުރެ ގިނަ ފަރާތުން ވަނީ މެންޓަލް ހެތު ފަރުވާ ހޯދާފައެވެ. އަދި ފާއިތުވީ އަހަރުތަކުގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމުންނާއި އެފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރީ ސަރުކާރުތަކުން ދީފައިވާ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ގޮތުގައި ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދެވިފައިނުވާކަން ގީލާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ހޮސްޕިޓަލުން ދޭ ފަރުވާގެ އިތުރުން ކޮމިއުނިޓީ ތެރޭގައި ފަރުވާދޭ ނިޒާމު ގައުމުތަކުން ބައްޓަންކުރަމުންދާ ކަމަށެވެ.

