މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިމަބިހި ނުވަތަ (މީސްލްސް) ޖެހުނު މީހުންގެ އަދަދު 216 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން މި ބަލީގެ 17 ކޭސް ވަނީ ފެނިފައެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރި ޖުމްލަ ވޭދަނައިގެ އަދަދު ވަނީ 216 އަށް އުފުލިފައެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ އާންމު އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މީގެއިތުރުން، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި ފަރާތްތައް ދެނެގަނެ، އެމީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 14،701 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިރުޝާދު ދެމުން އެޗްޕީއޭ އިން ބުނީ، ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގަނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށައެވެ.
ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލިޖެހިފައިވާ މީހަކާ ދިމާވި ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޤައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވެއެވެ.

(1).jpg&w=3840&q=75)