ކޮންމެ ވޯޓަކީވެސް އެ ވޯޓު ލިބޭ ފަރާތެއްގެ އަދުލުވެރިކަމާއި ޤާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ރާއްޖޭގައި ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ބަޔަކަށްވާއިރު، އިސްލާމްދީނުގެ ޢަދުލުވެރި އުޞޫލުތަކަށް ބަލާއިރުވެސް ވޯޓަކީ ބޮޑު އަމާނާތެއް ކަމަށެވެ. އެހެންކަމުން އެ ޙައްޤު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޝަކީލް ވިދާޅުވީ ކޮންމެ ވޯޓަކީވެސް މީހެއްގެ އަދުލުވެރިކަމާއި ޤާބިލުކަމުގެ މައްޗަށް ތިމާއަށް ދެވޭ ހެކި ބަހެއް ކަމަށެވެ. އަދި ޤައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ރައްޔިތުންގެ މަންދޫބުން ހޮވުމަށް ދޭ ކޮންމެ ވޯޓަކީ، ޤައުމީ ތަރައްޤީއަށާއި، ޤާނޫނީ ހަމަހަމަކަމާއި، ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާ ގޮތުންވެސް އަދި ނުސީދާގޮތުންވެސް އަސަރު ފޯރުވާނެ ނިންމުމެއް ކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަސް ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ދުވަސް ފާހަގަކުރަނީ "ވޯޓަކީ ޙައްގެއް އަދި ޒިންމާއެއް" މި ޝިޢާރުގެ ދަށުންނެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރު ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނިންމި ނިންމުމަކާ ގުޅިގެންނެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި އިންތިޚާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކޮށް، އިންތިޚާބުތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް އަންނަނީ މި ދުވަހާ ގުޅުވައިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

