ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް މިއަދު ހެނދުނު 09:00 ގައި ވޯޓުލުން ވަނީ ފަށާފައެވެ. އަދި މި އިންތިޚާބަށް ވާންޖެހޭ ހުރިހާ އިދާރީ އިންތިޒާމްތަކެއް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. ވޯޓުލުން މިއަދު ހަވީރު 04:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށާއި، 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލެ ސަރަހައްދުގެ 5 ތަނެއްގައި ކުރިއަށްދާއިރު، ރަށްރަށުގައި ވޯޓުލުން ކުރިއަށްދަނީ އެ ރަށެއްގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައެވެ.
މާލެ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓާފައިވާ ތަންތަނަކީ:
- އަމީނިއްޔާ ސްކޫލް: މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް މާލޭގައި ވޯޓުލާ މީހުންނަށް
- އިސްކަންދަރު ސްކޫލް: ސިޓީތައް ފިޔަވައި އެހެން އަތޮޅުތަކުގެ ދާއިރާތަކަށް މާލޭގައި ވޯޓުލާ މީހުންނަށް
- ކަމާލުދީދީ ޕްރީސްކޫލް: ހުޅުމާލެ އުތުރު ދާއިރާގެ މީހުންނަށް
- ރެހެންދި ސްކޫލް: ހުޅުމާލެ ދެކުނު ދާއިރާގެ މީހުންނަށް
- މުހިއްޔުއްދީން ސްކޫލް: ވިލިމާލެ ދާއިރާގެ މީހުންނަށް
މި އިންތިޚާބުގައި ޖުމްލަ 131 ރަށެއްގައި ވޯޓުލުން ކުރިއަށްދާއިރު، އެކި މަގާމުތަކަށް 2500 އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބާ ގުޅޭ އިޖުރާއީ އުސޫލުތަކާއި ވޯޓުލާން ދާންޖެހޭ ތަނުގެ މައުލޫމާތު ޕީއެންސީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.
މިއަދުގެ އިންތިހާބުގައި، ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، ސްޓިއަރައިން ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެއެވެ. އެހެންކަމުން، މި އިންތިޚާބުގައި ދާއިރާ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދަނީ މަޖިލީހުގައި ޕީއެންސީގެ މެންބަރުން ނެތް ދާއިރާތަކުގައި އެކަނި ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
މި އިންތިހާބަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.

