އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި "މޯލްޑިވްސް އެކްސްޕޯ" މި ނަން ބޭނުންކުރުން ހުއްޓުވުމަށް އެދި އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި އަހަރުގެ މައުރަޒު ބާއްވާފައިވަނީ ވޭތުވެދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މި ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ. މި މައްސަލަ ކޯޓަށް ވެއްދީ "މޯލްޑިވްސް އެކްސްޕޯ ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުންނެވެ. އެއީ މައިގަނޑު ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން، ސަރުކާރާއި ބީސީސީން އެ ނަން ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރާ އަމުރެއް ނެރެދިނުމަށް އެދިއެވެ. އެ ކުންފުނީގެ ދައުވާއަކީ ފެބުރުއަރީ 2023 ގައި އެ ނަން ގާނޫނީ ހަމަތަކުގެ މަތިން ރަޖިސްޓްރީކޮށްފައި ވަނިކޮށް، ޑިސެމްބަރު 2024 އިން ފެށިގެން ދައުލަތުން އެ ނަމުގައި މި އިވެންޓް އިޝްތިހާރުކޮށް ހިންގުމުގެ ސަބަބުން، އެ ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވަމުންދާ ކަމެވެ. ދައުލަތުގެ ފަރާތުން މައްސަލައަށް ރައްދު ދެމުން ބަޔާންކުރީ، ކުންފުނީގެ ނަމާއި ވިޔަފާރި ނަމަކީ ގާނޫނީ ގޮތުން ތަފާތު ދެ ކަމެއް ކަމަށާއި، "މޯލްޑިވްސް އެކްސްޕޯ" އަކީ އެއްވެސް ވަކި ފަރާތަކަށް ޚާއްސަ މިލްކިއްޔާތެއްގެ ގޮތުގައި ނުބެލެވޭނެ އާންމު ލަފުޒެއް ކަމަށެވެ. މީގެއިތުރުން، މި މައުރަޒު އިންތިޒާމުކުރަނީ އާންމު މަސްލަހަތު އިސްކޮށް، ގައުމީ ފެންވަރެއްގައި ރާއްޖޭގެ ފަންނުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ފާހަގަކުރިއެވެ. މައްސަލަ ބެއްލެވި ގާޟީ ރިޒްމީނާ އިދްރީސް ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، އަމުރަށް އެދޭ ފަރާތުން ފާހަގަކުރާ ކަންކަމަކީ ވިޔަފާރީގެ ގޮތުން ލިބޭ ގެއްލުންތަކެއް ކަމަށާއި، އެއީ ފަހުން މާލީ ބަދަލެއް ހޯދައިދީގެން ހައްލުކުރެވިދާނެ ކަންކަން ކަމަށެވެ. އެހެންކަމުން، މި ވަގުތު އަމުރެއް ނުނެރެފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރާއިރު، މި މައުރަޒަކީ ރާއްޖޭގެ އެތައް އުފެއްދުންތެރިންނާއި ވިޔަފާރިވެރިން އަދި އާންމު ރައްޔިތުންގެ ބޮޑު ބައިވެރިވުމަކާއި މަސްލަހަތެއް ހިމެނޭ ހަރަކާތަކަށްވާތީ، ވަކި ފަރުދެއްގެ ވިޔަފާރީގެ ފައިދާއަށްވުރެ މުޅި މުޖުތަމައުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށްވެސް ނިންމެވިއެވެ. އެހެންކަމުން، ދައުވާގެ ކުރިން ނެރޭ ވަގުތީ އަމުރަކަށް ބޭނުންވާ ގާނޫނީ ޝަރުތުތައް ހަމަނުވާތީ، އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.


