ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީ، އެ ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން އިން ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދު ހެނދުނު ހަމަވެފައިވާއިރު، ރަސްމީކޮށް އަދި އެ މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.
މި މަގާމަށް ކުރިމަތިލެއްވި އަލީ ސަމީރު މީގެ ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައެވެ. އަދި ފަނޑިޔާރު އަބްދުއްރައޫފަކީ ވެސް ކުރިން ހައި ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު، މިދިޔަ ފެބްރުއަރީ މަހު އަލުން އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.
މިއީ ފަހަކަށް އައިސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަށް އަންނަ ފަސްވަނަ ބަދަލެވެ. މީގެ ކުރިން ވެސް ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުން ވަކިކުރުމާއި، އިސްތިއުފާ ދެއްވުމުގެ އިތުރުން އުއްތަމަފަނޑިޔާރު ރިޓަޔާކުރެއްވުމާ ގުޅިގެން ވަނީ އައު ފަނޑިޔާރުން އައްޔަންކޮށްފައެވެ.

