logo

10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑު ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުރިހަމަކުރުމުގެ ގޮތުން އަދި 5 މިލިއަން ގަސް އިންދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލުކުރުމުގެ ގޮތުން އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމް ކުރުމަށްޓަކައި ބިން ހަމަޖައްސަވައި ދެއްވާފައިވާ ކައުންސިލްތަކާއި މި މިނިސްޓްރީއާ ދެމެދު އެގްރޮފޮރެސްޓްރީ ދަނޑު އެޅުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވ .

މިކަމަށްޓައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފްއެވެ. ރަށްތަކުން އެއްބަސްވުމުގައި ސޮއިކުރީ އެރަށެއްގެ ކައުންސިލް ތަމްސީލްކުރާ މެންބަރެކެވެ.

ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވާ، ތިމާވެއްޓައި ރައްޓެހި، ދެމެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ދިވެހިރައްޖޭގައި ހައްދާ ބާވާތްތައް އިތުރުކޮށް ރައްކާތެރިގޮތެއްގައި މޭވާ އަދި ތަރުކާރީ އުފައްދާ ދިވެހިރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް އެތަކެއް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިގޮތުން ރާއްޖޭގެ ކާނާގެޔަގީންކަން ކަށަވަރުކުރުމަށްޓަކައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮޤްރާމްގެ ތެރެއިން ރަށްރަށުގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމްކުރުމަށް ވަނީ ނިންމިފައެވެ.

އެގްރޯފޮރެސްޓްރީ އަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ.

މިގޮތުން، މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަމަންޓް އެންޑް އެނާޖީ އާއި މި މިނިސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

އެގްރޯ ފޮރެސްޓްރީ ދަނޑު އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރެވުނު 10 ރަށަކީ:

1. ހއ. ބާރަށް

2. ރ. އިނގުރައިދޫ

3. ކ. ކާށިދޫ

4. ކ. މާފުށި

5. ކ.ތުލުސްދޫ

6. މ. ވޭވަށް

7. ލ. އިސްދޫ

8. ގއ. ގެމަނަފުށި

9. ގދ. ހޯޑެއްދޫ

10. ގދ. ފިޔޯރީ

މިޕްރޮގްރާމެގެ ދަށުން ގާއިމް ކުރެވިގެންމިދާ ދަނޑުތަކަކީ ތިމާވެއްޓާއި ރައްޓެހިކޮށް ފަރުމާ ކުރެވިފައިވާ، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެވިގެންދާ ނަމޫނާ ދަނޑުތަކެކެވެ. 10 ރަށެއްގައި ގާއިމް ކުރެވިގެންމިދާ 2 ހެކްޓަރާއި 4 ހެކްޓަރާއި ދެމެދުގެ ބޮޑުމިން އެކުލެވޭ މި ދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހެއްދުމަށް ހަމަ ޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓައި ގުޅޭ، ދިގުމުއްދަތަކަށް ހެއްދޭ، ބާވަތްތަކާއި އެކު ކުރުމުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ.

އެހެންކަމުން މި ދަނޑުތަކުން ދިގުމުއްދަތަކަށް ކާނާ އަދި މުޑުވައްގަސް އުފެއްދުމަށް މަގުފަހި ވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މި ބާވަތްތައް އުފެއްދޭ މިންވަރު އިތުރު ކުރެވި، މި ބާވަތްތައް ބޭރުން އެތެރެ ކުރުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

މީގެ އިތުރުން މިދަނޑުތަކަކީ މި މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފާގެ ދަށުން ކައުންސިލްތަކުން ހައްދަމުން ގެންދާނެ ދަނޑުތަކެއް ކަމުން، މި ދަނޑުތަކުގެ ޒަރިއްޔާއިން ރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއި އެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތު ލިބިގެންދާނެއެވެ.

މި ވުޒާރާގެ އުންމީދަކީ މި ދަނޑުތަކުގެ ޒަރިއްޔާއިން ކާނާގެ ޔަޤީންކަން އިތުރުކޮށް، މި ދަނޑުތަކުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަތަރުލައްކަ އަށްވުރެ ގިނަ ގަސް އުފެއްދިގެން ދިއުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި ތިމާވެއްޓާއި ރައްޓެހި ޒަމާނީ ދަނޑުވެރިކަމަކަށް، ދިވެހިރާއްޖޭގައި ކުރެވެމުންދާ ދަނޑުވެރިކަން ބަދަލުވެގެންދިއުމެވެ.

ad