logo

ތައިލެންޑުން ދިވެހިންނަށް ވިސާގެ ލުއިތަކެއް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

ދިވެހިންނަށް ވިސާގެ ލުއިތަކެއް ދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.

ތައިލޭންޑުން 2024 ވަނަ އަހަރު ތައާރަފްކުރި ވިސާ ނެތި 60 ދުވަހަށް މަޑު ކުރެވޭނެ އުސޫލު ހަރުކަށިކޮށް ބައެއް ގައުމުތަކަށް 15 ދުވަސް އަދި ބައެއް ގައުމުތަކަށް 30 ދުވަހަށް ތިބެވޭ ގޮތަށް ނިންމީ ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބައެއް އިންސާނީ ވަގު ވިޔަފާރި ކުރުމާއި ހުއްދައާ ނުލައި މަސައްކަތް ކުރުމާއި އަދި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ގޮސްފައިވާތީއެވެ.

އެހެންކަމުން އެގައުމުގެ ވަޒީރުންގެ މަޖިލީހުން މި ބަދަލު ގެނައީ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށާއި، ހަމައެކަނި ޓޫރިސްޓުންގެ އަދަދު ގިނަކުރުމުގެ ބަދަލުގައި، 'ކޮލިޓީ' ފަތުރުވެރިކަމަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ވިސާއާއި ނުލައި މީގެ ކުރިން ދިވެހިންނަށް ވެސް 60 ދުވަށް ތައިލެންޑުގައި ތިބެވުނު ނަމަވެސް އެ ނިންމުމާއެކު ރާއްޖެއަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

އެގައުމުގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމާފައިވަނީ މީގެ ކުރިން 93 ގައުމަކަށް ދީފައިވާ 60 ދުވަހުގެ ވިސާ ފްރީ މުއްދަތު އުވާލުމަށެވެ. ވަޒީރުން ބުނި ގޮތުގައި އެނިންމުން ނިންމެވީ، ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީއެވެ.

އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވެވޭނީ 59 ގައުމެއްގެ ރައްޔިތުންނަށެވެ. މިއާއެކީ ޖުމްލަކޮށް ވިސާގެ އިތުރު ލުއި 6 ގައުމަކަށް ލިބެއެވެ. އެއީ ރާއްޖެ، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާގެ އިތުރުން މޯލްޓާއެވެ.

މި ނިންމުމާއެކު މިހާރު ވިސާއާއި ނުލައި 15 ދުވަހުގެ މުއްދަތަކަށް ތައިލޭންޑުގައި ތިބެވޭނީ ސީޝެލްސްއާއި މޮރިޝަސްގެ ރައްޔިތުންނަށެވެ. އަދި އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ދިނުމަށް ވަނީ ނިންމާފައެވެ.

ތައިލެންޑުން ވިސާގެ އުސޫލަށް ގެނައި މި ބަދަލުތަކަށް ޢަމަލުކުރަންފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.

ad