ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލްޝެޑް ޤާއިމްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލްޝެޑް ޤާއިމްކޮށް ނިންމައި، ޚިދުމަތްދޭންވެސް ވަނީ ފަށާފަ ކަމަށެވެ. އެގޮތުން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރު ނޮވެމްބަރުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ
މިއީ ރައްޔިތުން، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ޞިނާޢީ އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ހަކަތައަށް ކުރާހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވާނެ މުހިންމު ކާމިޔާބެއް ކަމަށް ވިދާޅުވިއެވެ.
ޚިދުމަތް ޤާއިމުކުރި ރަށްތައް:
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ރ. ދުވާފަރު
• ބ. އޭދަފުށި
• ދ. މީދޫ
• ދ. ކުށަހުވަދޫ
• ފ. ނިލަންދޫ
ރައްޔިތުންނަށް ދަތިވެ އެތައް އަހަރެއް ބުރަ އުފުލުމުގައި ވޭތުކުރި މިފަދަ އެތައްކަމެއް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިފަދަ ސިޔާސަތުގެ ދަށުން އެ ގެންދަވަނީ ލުއިކޮށްދެއްވަމުން ކަމަށާއި، ހެޔޮ ބަދަލުތައް ޤައުމަށް ގެންނަވަމުން ކަމަށް ވެސް ވިދާޅުވިއެވެ.
