logo

ކުރިއަށް އޮތް 5 ދުވަހަށް މުސުން ގޯސް ވާނެ: މެޓް އޮފީސް

މަޒީ
6 ގަޑިއިރު ކުރިން

އަންނަ ހަފުތާގައި ހަތަރު ދުވަހުގެ ދިގު ބަންދެއް ލިބޭއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ދުވަސްވަރު މޫސުން ގޯސްވި ނަމަވެސް، އާންމު ވައި މާ ބޮޑަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، މި ދުވަސްވަރު މޫސުން ގޯސްވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
މި ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަންނަ ބުދަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރުން ވަނީ، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްފައެވެ.ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސް ކަމަށް ލަފާކޮށްފަވާއިރު، ލިބޭ ޗުއްޓީގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ad