logo

މަތީ މަޖިލީހުގެ ވޯޓު ކުރިއަށްދާނީ އަސާސީ ޤަވާއިދާ އެއްގޮތަށް: ޕީއެންސީ

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީން ) ބުނެފިއެވެ.

ޕީއެންސީން މިހެން ބުނެފައި މިވަނީ އެޕާޓީގެ މަތީ މަޖިލީހުން ޕާޓީ ނައިބު ރައީސުން ހޮވުމަށް ވޯޓު ނަގާ ގޮތާއި މެދު ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ޕީއެންސީ އިން ނެރުނު ބަޔާނުގައި ވަނީ، އެ ޕާޓީގެ މަތީ މަޖިލީހުގެ ވޯޓާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ. ޕީއެންސީ އިން ބުނީ، އެ ޕާޓީގެ މަތީ މަޖިލީހާއި ޕާޓީ ޤައުމީ މަޖިލީހާއި ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ނިންމާ ގޮތް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ޤަވާއިދަކީ ޕާޓީ ވެބްސައިޓުގައި ޝާޢިއުކޮށް މެންބަރުންނާއި ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ފެންނަން އޮތް ލިއުމެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭ ވޯޓަކީ ހާމަ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީއެންސީ އިން ބުނެފައިވެއެވެ. އެހެންކަމުން ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބަށް ހާމަ ވޯޓެއް ނެގުމަކީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފު ކަމެއް ނޫން ކަމަށް ޕީއެންސީ އިން ބުނެފައިވެއެވެ.

ޕީއެންސީ ވަނީ އެ ޕާޓީގެ މަތީ މަޖިލީހުގައި އޮތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި އެކަމަކީ ނިންމަންޖެހޭ ކަމެއްގެ ބަދަލުގައި އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީ އިން ވަނީ އެ ޕާޓީގެ މަތީ މަޖިލީހުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތައް ކަމުގެ ޔަޤީން ދީފައެވެ. ޕާޓީގެ އެތެރޭގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ، ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް، މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި ޢަމަލުކުރާ އުސޫލްތަކާ އެއްގޮތަށް، ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަޤީންކަން ޕީއެންސީ އިން އެ ޕާޓީގެ މެންބަރުންނަށް ދީފައިވެއެވެ.

ad