logo

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް 11 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފި

މަޒީ
19 ގަޑިއިރު ކުރިން

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، 11 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މެންދުރު 15:00 އިން ރޭގަނޑު 19:00އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެހެންކަމުން މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މީގެއިތުރުން، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިގަދަވާނެ ކަމަށް ބުނެ، ހުދު ސަމާލު ނެރެފައެވެ.

މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.މިގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރާގައި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާނުކުރެވުނު ނަމަވެސް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވަކިން ޚާއްސަކޮށް ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ، ސަމާލުތައް ނެރެމުންނެވެ. އެހެންކަމުން މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް އެއިދާރާގެ އިތުރުން އެންޑީއެމްއޭ އަދި އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ad