މާލެގައި ހަދަމުން ދާ އިމާރާތެއްގެ މަތިން ހިލަ ބަސްތާއެއް ވެއްޓިއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައުރު ކުރަމުންދާ ވީޑިއޯއަކުން ފެންނަ މަންޒަރުތަކަށް ބަލާ އިރު ޗާންދަނީ މަގުގައި ހަދަމުން އަންނަ އިމަރާތެއްގެ މަތިން ވެއްޓުނު ހިލަ ބަސްތާ ވެއްޓިަފއިވަނީ މަގުގެ މެދަށެވެ. ގަސްތަކުގައި ޖެހެމުން ހިލަ ބަސްތާ މަގުމައްޗައް ވެއްޓުނު ވަގުތު ދުއްވާފައި އައި ސައިކަލެއް ކުއްލިޔަކަށް މަޑުކުރި މަންޒަރު ފެނުނު އިރު އެ ސައިކަލް ދުއްވަން އިން މީހާގެ ގައިގައި އެ ބަސްތާއިން ނުޖެހުނީ ކިރިޔާއެވެ. ސޯޝަލް މީޑިއާގައި މި ވީޑިޔޯ ދައުރު ވާން ފެށުމާއި އެކު މި އިމާރާތް ހަދަން ހަވާލު ކޮއްފައިވާ ކުންފުންޏާއި މެދު ފިޔަވަޅު އެޅުމަށް ޢާއްމުން އަންނަނީ ގޮވާލަމުން ނެވެ.
ކާރުބާރޫ ބޮޑު މާލޭގައި މަސައްކަތް ކުރަމުންދާއިރު މަސައްކަތުގެ ރައްކާތެރި ކަމާއި ހިނގާ ބިނގާވާ އަދި ދަތުރު ފަތުރު ކޮއް އުޅޭ ފަރާތްތަކާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށވަރު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަށިގެން ވާ ފިޔަވަޅުތައް އަޅާފައި ނުހުރުމަކީ ޢާއްމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ މައްސަލައެކެވެ.
މިފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް އިމާރާތް ކުރުމުގެ ކަންކަން ބެހެއްޓުމަށް އެކިވަރުގެ ޤަނޫނާއި ގަވާއިދުތައް ސަރުކާރުން އަބަދުވެސް ދަނީ އާއްމު ކުރަމުންނެވެ.

