logo

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ބާއްވާ "އެކްސަސައިޒް ޖައްރާފާ-2026" މިއަދު ފަށައިފި

މަޒީ
10 ގަޑިއިރު ކުރިން

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ބާއްވާ "އެކްސަސައިޒް ޖައްރާފާ-2026" މިއަދު ފަށައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

މި ރަސްމިއްޔާތުގައި އެފްއާރްއެސްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީއާއި، އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް އަހްމަދު ފާއިޒު ރަޝާދާއި، އެފްއާރްއެސްގެ ކޮމާންޑް ސާޖެންޓް މޭޖާ އާޒާދު ރުޝްދީގެ އިތުރުން އެފްއާރްއެސްގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، މި އެކްސަސައިޒަކީ އެފްއާރްއެސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމަށާއި އެ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ބާއްވަމުންގެންދާ ތަމްރީނެކެވެ. އަދި ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާއިރު، އެ ފަރާތްތަކަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމަކީވެސް މި އެކްސަސައިޒްގެ މަގުސަދެއް ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ތަމްރީނުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއާއި އެމްއެންޑީއެފުން ވަނީ އާންމުންގެ ސަމާލުކަމަށްޓަކައި މައުލޫމާތު ހިއްސާކޮށްފައެވެ.އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި ގްރޭޓާ މާލެ ސަރަހައްދުގައި އެފްއާރްއެސްގެ ފަޔާ ވެހިކަލްތައް ސައިރަން އަދި ބީކަންއާ އެކު ބާރު ސްޕީޑްގައި ދަތުރުކޮށް ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ މި ތަމްރީނުތައް އޮންނާނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ.

ad