logo

ކާނަލް ރިޓަޔަރޑް އާދަމް އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ދިޔާމާ އިބްރާހިމް
8 ގަޑިއިރު ކުރިން

ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެޚަބަރު ރައީސުލްޖުމްހޫރިއްޔާއަށް ލިބުމާ ގުޅިގެން އެ މަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް އާދަމް އިބްރާހިމް މަނިކު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރްހޫމްއާދަމް އިބްރާހީމް މަނިކު ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއްކަމަށާއި، އެއީ އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ ޢަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

View post on Twitter

މީގެ އިތުރުން، ސިފައިންގެ ޚިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްކަމަށެވެ. ރައީސް ވިދާޅުވީ ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކުއަކީ ސިފައިންގެ ޚިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިޚުލާޞްތެރިއެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހިތާމައިގެ މި ވަގުތު، މަރުޙޫމް ކާނަލް (ރިޓަޔަރޑް) ބިލާލް އާދަމް މަނިކުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ބިލާލް އާދަމް އިބްރާހީމް މަނިކު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރެއްވިއެވެ.

ad