ދިވެހި އާދަކާދައިގެ ތެރެއިން ދިވެހިން ޒަމާނުއްސުރެ ލާން ބޭނުންކުރާ ހެދުންތަކުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ދިވެހި ހެނދުން ހިމެނޭއިރު، ދިވެހި ލިބާހާއި ދިގު ހެދުމާއި ފިރިހެނުންނަށް ޙާއްސަ މުންޑު ހިމެނެއެވެ. ރީތި ދިވެހި ހެދުންތައް އާންމުގޮތެއްގައި މިހާރަކަށް އައިސް ދިވެހިން ލާން ބޭނުންކުރަނީ ހަފްލާތަކާއި ހާއްސަ ސަގާފީ ހުށަހެޅުންތަކުގައެވެ.
ކޮންމެ ޤައުމެއްގެ ވެސް ޘަޤާފީ ފޭރާމަކީ އެ ޤައުމެއްގެ ރައްޔިތުންގެ އައިޑެންޓިޓީގެ ވަރަށް މުހިންމު ބައެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއަކީވެސް އާދަޔާ ޚިލާފު ސިފަތައް ދައްކުވައިދޭ ތަފާތު ސަގާފީ ހެދުންތަކުން މުއްސަނދި ޤައުމެކެވެ. ލާން ބޭނުންކުރާ ފޭރާމުން ފެށިގެން، ކުރީގެ އާދަޔާ ހިލާފު ބައެއް ކަންތައްތަކަށް ބަލާލީމަވެސް ފެންނަނީ ދިވެހިންގެ ތަފާތެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ފިރިހެނުންނާއި، އަންހެނުންނަށް ހާއްސަ ހެދުންތައް ހުރެއެވެ. ނަމަވެސް އަންހެނުންނަށް ޙާއްސަ ހެދުމަށްވުރެ ފިރިހެނުންނަށް ޙާއްސަ ހެދުމުގެ ވައްތަރުތައް މަދެވެ. މިރާއްޖޭގެ ސަގާފީ ރީތި ހެދުންތައް ގިނައިރު ރާއްޖޭގެ ރީތިކަމާއި އާދަކާދަތައް ދައްކުވައިދޭ ވަރަށް ހާއްސަ މުނާސަބަތުތަކުގައާއި ނުވަތަ ޑާންސް ހުށަހެޅުންތަކުގައި ނޫނީ މި އާދަޔާ ހިލާފު ރީތި ހެދުންތަކުގައި އަންހެނުންނާއި ފިރިހެނުން ހެދުން އަޅައިގެން އުޅޭތަން މަދުން ނޫނީ ނުފެނެއެވެ.

ރިސޯޓެއްގެ ފިރިހެނ މުވައްޒަފުންތަކެއް ދިވެހި ސަގާފީ ހެދުމުގަ /ފޮޓޯ: ސޯޝަލްމީޑިއާ
ދިބެހިންގެ ޙާއްސަ ހެދުން ތަކުގެތެރެއިން ދިވެހި ލިބާހަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ހެދުމެކެވެ. ކަސަބުން ޖަރީ ކޮށްފައިވާ މި ހެދުމުގައި ރަނާއި ރިހި ކުލައިގެ ފަށްތަކުގެ ކުދިކުދި ޑިޒައިންތަކުން ޒީނަތްތެރިކޮށްފައި ހުންނަލެއް ވަރަށްވެސް ފުރިހަމައެވެ. މި ހާއްސަ ހެދުމާ އެކު އަދިވެސް ތަފާތު އެކި ވައްތަރުގެ ދިވެހި ހެދުން ހުރެއެވެ. ދިގު ހެދުމާއި، ފިއްތި އާއި ކަސަބު ލިބާހާއި މިހެންގޮސް ތަފާތު ވައްތަރު ތަކެވެ. ނަމަވެސް ދިވެހި އަންހެނުންގެ ރަސްމީ ހެދުމަކީ މީގެ ތެރެއިންވެސް ދިގު ހެދުމެވެ. އެޔަށް ކިޔަނީ ފާސްކުރި ހެދުމެވެ. ދިވެހި ދިގު ހެދުމަކީ ރާއްޖޭގައި އަންހެނުންނަށް ހާއްސަ ގައުމީ ހެދުން ކަމަށްވާއިރު، ރަސްމީ ހަފްލާތަކަށާއި ގައުމީ ހަފްލާތަކުގައި އަންހެނުން ގިނައިން ބޭނުން ކުރަނީ ވެސް ދިގު ހެދުމެވެ.
ދިވެހި ފޭރާމާއެކު ދިވެހިންގެތާރީހަށް ބަލާލީމަވެސް ފެންނަނީ ދިވެހި ވަންތަކަމެވެ. 20 ވަނަ ގަރުނުގެ މެދުތެރޭގައި ރަސްމީގޮތުން ދިވެހިންގެ ހާއްސަ މި ހެދުން ބޭނުން ކުރަންފެށިއިރު މިއީ 1940 ގެ އަހަރުތަކުގައި ތައާރަފްކޮށް ޒުވާން އަންހެނުންގެ މެދުގައި މަގުބޫލުވެގެން ދިޔަ ޒަމާނީ ހެދުމެވެ. އެއީ ފާސްކުރި ހެދުން ނުވަތަ "އެޕްރޫވްޑް ޑްރެސް" އެވެ.
މިހާރު މައިގަނޑު ގޮތެއްގައި މި ހެދުން ހާއްސަކޮށްފައި ވަނީ ރަސްމީ ހަފްލާތައް ފަދަ މުހިންމު މުނާސަބަތުތަކަށެވެ. މި ރިޕޯޓްގައި އަޅުގަނޑު ބަލާލަން ބޭނުންވަނީ ދިވެހި ވަންތަ ކަން ދައްކުވައިދޭ ހެދުމާއި ދުރަށްޖެހި ދިވެހިން ފަރަންޖީ ހެދުމުން ޒިނަތްތެރިވާ ވާހަކައަށެވެ. އަދި ދިވެހި އަންހެނުންގެ ހާއްސަ ޤަުމީ ހެދުން ބޭނުންކުރާ މިންވަރު މަދު ވާހަކައެވެ. ޖަލްސާ ތަކާއި މާލަމް ތަކުގައި ފިރިހެނުންނާއި، އަންހެނުންވެސް ބޭނުންކުރަނީ ކޯޓް ފަޓްލޫން ކަމަށްވާއިރު، ހާއްސަ ހަފްލާއަކުން ، މިސާލަކަށް ގައުމީ ދުވަސްފަދަ ދުވަހަކުން، ދިވެހި އަންހެން ނުވަތަ ފިރިހެން ބޭފުޅެއް ދިވެހި ހެދުމެއްގައި ފެނިއްޖެނަމަ އަސްލު ދިވެހިވަންތަކަން ހިތަށް ސިފަވެއެވެ. އެރީތި ކަމާއި އެ ފުރިހަމަ ކަމުން ހަގީގަތުގައި ޤައުމީ ވަންތަ ކަމުގެ ޖަޒްބާތުން ހިތްތައް އުތުރި އަރައެވެ.
އާދެ މިއޮތީ ދިވެހިންގެ އަސްލުގެ ވާހަކައެވެ. ފުރަތަމަ ޤައުމެވެ. ދެން އެހެން ކަންތައްތަކެވެ. އެއާއެކު ފޭރާން ހިމަނާލީމަ ވަރަށް ބޮޑަށް ވެސް ފުރިހަމަވެއެވެ. ހަފްތާ ފެށޭ ދުވަހު ނުވަތަ ރަސްމީ ދުވަސްތަކުގައި ދިވެހިން ދިވެހި ހެނދުން ލައިގެން ވަޒީފާ އަށް ނުކުންނަމާ ހިގާށެވެ. އޭރުން ޔަގީނާއި އެކު އަސްލު ދިވެހިން ފެންނާނެއެވެ.
ޤައުމިއްޔަތު ދިރުވޭ ބަޔަކަށް ވާނީވެސް ހުރިހާ މާނައެއްގަ މި ބުނާ ކަންތައްތައް ފުރިހަމަވާ ބަޔަކަށް ނޫންތޯއެވެ. މިހާރު ބައެއް އިވެންޓް ތަކުގައާއި ޖަލްސާތަކުގައި ކޯޓް ފަޓްލޫން ބޭނުންކުރި ނަމަވެސް އެއީ އަހަރުމެންގެ ސަގާފީ ކޯޑެއް ނޫއްނޫނެވެ.
އަހަރުމެންނީ ދިވެހިންނެވެ. އަހަރުމެންލާނީ ވެސް ދިވެހި ހެދުމެވެ. މިތާ މި ބިމާއި މި ފަސްގަނޑުގައި ތިބެ އަހަރުމެން ޤައުމީ ރޫހު އާލާ ކުރާ ބަޔަށްވާނީވެސް އޭރުންނެވެ.


