logo

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި 2 މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު 36 އަހަރެ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަދީފް މުޙައްމަދު ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށް ތުހުމަތުކުރެވޭ ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަކަމަށެވެ.

undefined

މީގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ބިދޭސީއެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީަ ނަކުލް ކޭ ސީ، ނޭޕާލް 23 އަހަރު އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ ދައުރުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދެ މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ad