ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހި ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް ދައްކައި ހަލާސްކޮށްފައިވާކަމަށް މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ އަދި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބައެއް ފައިސާއަކީ ހަވާލުކުރަންނުޖެހޭ ފައިސާ ކަމުގައި އޮޑިޓާ ޖެނެރަލްގެ ކިބައިން ލަފާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވިދާޅުވި ގޮތަށް ދައުލަތުން އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދައްކައި މިހާރު ހަލާސްކުރެވިއްޖެއެވެ. އަދި ބައެއް މައްސަލަތައް ކުރި ބިލުތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިއުލާނު ނުކުރި ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މިހާރު މެދުކަނޑާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހާރިޖީ ވުޒާރާ އިން ކުރަންޖެހޭ ދަތުރުތައް ކުރިއަށްގެންދިޔަ ނަމަވެސް، އެހެނިހެން ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށާއި، އެގޮތުން އޭޑީއެފްޑީން ނަގާފައިވާ 100 މިލިއަން ޑޮލަރު ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ކުރިން އޮތް ނަމަވެސް އެ ދަތުރުވެސް މިހާރު ފަސްކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
