logo

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންގެ މެދުގައި އޮތީ ހަމައެކަނި އަމިއްލަ އެދުން: ރައީސް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތީ ހަމައެކަނި އަމިއްލަ އެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވީ ރޭ ކޮންގްރެސް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ. މުޅި ސަރަހައްދަށް ކޮންގްރެެސް ޕާޓީގެ ސަޕޯޓަރުން އެއްވެ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މަޝްވަރާ ކުރައްވަން ނިންމެވި ނިންމެވުމަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަަމަށެވެ. އިދިކޮޅުގެ ލީޑަރުން ކަމަށް ބުނެ ތިއްބެވީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް މަސައްކަތް ކުރި އަދި ކުރާނެ ބައެއް ކަމަށެވެ. އެއީ ދީނާއި ގައުމުގެ ހައްގުގައި ކަމެއް ކުރައްވާނެ ބައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވީ ފެއިލްވެފައިވާ ފެއިލިއަރުންތަކެއް ކަމަށެވެ. އެއީ މިއަދު ގައުމޭ ކިޔައިގެން ވާހަކަ ދެއްކެވި ނަމަވެސް އެކަކު އަނެކެއްގެ ކަރުގައި ހިފައި އެކަކު އަނެކެއްގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

ރައީސް ރޭ ވަނީ ކުރީ ދެ ސަރުކާރުން ހިންގި ޚިޔާނާތްތައް ބަލަން ވެސް ގޮވާލައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހްގެ ވެރިކަމުގައި ހިނގި ވެންޓިލޭޓަރުގެ ޚިޔާނާތާއި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ބަލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. މިފަދަ ހިޔާނާތްތައް ބަލައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މިނިވަން މުއައްސަސާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެފަދަ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ad