logo

ގައުމީ ތަރައްގީގެ ޕްލޭންގެ މަހާސިންތާ އަންނަ މަހު ބާއްވަނީ

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން އަންނަ މަހު މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އެ ފްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން މަހާސިންތާއެއް އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅުންހުރި މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ގައުމުގެ ތަރައްގީ ޕްލޭނަކީ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. އެ ޕްލޭނަކީ ކޮންމެ ސަރުކާރެއްގެވެސް މެނިފެސްޓޯއަށް ފުރިހަމައަށް ޖާގަ ލިބޭގޮތަށް، ނަމަވެސް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް މަންފާ ލިބޭނެހެން އެއް މިސްރާބަކަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަދާ ޕްލޭނެކެވެ.

އެ ފްލޭން ހެދުމުގައިމިހާތަނަށް ބޮޑެތި ކުރިއެރުންތައް ވަނީ ހޯދާފައިވާ ކަމަށް ނެކްސިއާ އިން ހާމަކުރެއެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިޔާލު ހޯދުމުގެ 192 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ހިޔާލު ހުށައަޅާފައިވާ ކަމަށެވެ. އަދި އެކި ދާއިރާތަކަށް ހާއްސަކޮށްގެން 96 ފޯކަސް ގްރޫޕް ބައްދަލުވުން ބާއްވާފައިވާ ކަމަށް ވެސް ބުނެއެވެ.

އޭގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމާއަތްތަކާއެކު، 67 ބައްދަލުވުން ބާއްވައި، ރައްޔިތުންގެ މެންބަރުންނާއި، އެއްބާރުލުން ދިން ސިޔާސީ ޕާޓީތަކާއެކުވެސް ބައްދަލުވުންތައް ބާއްވައި، 66 މައުލޫއަކަށް ބިނާކޮށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

ad