ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދާމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މާދަމާ ހެނދުނުއެވެ.ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާހަމައަށްކަމަށެވެ. މާދަމާ ވޯޓުލުން ކުރިއަށްދާއިރު މިއަދު އިރުއޮއްސި 6:00 ޖެހުމުން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 ޖެހުމާހަމައަށް ކެމްޕެއިން ކުރުން މަނާވާނެއެވެ.
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ދެވަނަ ބުރުގައި 6،093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވެއެވެ. މީގެތެރެއިން ކެލާ އިންތިހާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ނޭކުރެންދޫ އިންތިހާބުގައި 1،056 މީހުން، ދޮންފަނު އިންތިހާބުގައި 441 މީހުން، މާވަށު އިންތިހާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި، ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އިލްކްޝަންސް އިން ވަނީ އާންމުކޮށްފައެވެ. މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ހުޅުވާލާނެއެވެ.
ސޮއިކުރުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒުގައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިތުރުން މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވެ އެވެ.


