އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު އެ މަޤާމުން ވަކިކޮށްފިއެވެ.
ޝާހިދު މި މަޤާމުން ވަކިކޮށްފައިވަނީ އެމްޑަބްލިޔުއެސްސީގެ ބޯޑުން ބޭއްވި ބައްދަލުވުމުގައެވެ.
އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އިބްރާހީމް ޝާހިދު އައްޔަނުކޮށްފައިވަނީ 3 އޮގަސްޓް 2025 ގައެވެ. އޭނާ ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ.
ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑު އެކުލެވިގެންވަނީ 6 ބޭފުޅުންގެ މައްޗަށެވެ. އަދި ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި ޝާހިދު ހިމެނޭހެން 11 ބޭފުޅުން ތިއްބަވައެވެ.
އިއްޔެ މަގާމުތަކުން ވަކި ކުރި ބޭފުޅުންގެ ތެރޭގައި އެގްރޯނެޓްގެ އެމްޑީގެ މަޤާމުން ހުސެއިން ދީދީ، އެޗްޑީސީގެ ޑީއެމްޑީ އަސްބާހުގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ ހުންނެވި މުޙައްމަދު ނަޖާހު ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ.
މީގެ އިތުރުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް މިއަދު މަގާމުން ވަކިކުރި އެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
މީގެ އިތުރުން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ރިޝްވާން ވަނީ އިސްތިއުފާދެއްވާފައެވެ. އެނގިފައިވާ ގޮތުގައި ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ފަރާތެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އެމްޕީއެލްގެ އެމްޑީގެ މަގާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހިމް ވަކިކުރުމަށް ފަހު އެވެ.

