އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާ ބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިޔަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރުއެވެ.
މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
2027 ވަނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިޔަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށްޓަކައި އެޅޭ ބިންގަލެއް ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ.އަދި މި ބަޖެޓަކީ އިޤުތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއް ކަމަށް ވަޒިރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގެ އަމާޒެއްގެ ގޮތުގައި މިހާރު ހަވާލުކޮށްފައިވާ އަދި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ %70 މަސައްކަތްތައް ނިންމާ، އޭގެ މަންފާ ރައްޔިތުންނަށް ހޯދާދިނުން ހިމަނާފައިވާ ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކްސްއެއް މަތި ނުކުރުމަށްވެސް ނިންމާފައިވާކަން ފާހަގަކުރައްވާ، މަސައްކަތްކުރާނީ ދައުލަތުގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާ، އިޤުތިޞާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ޚަރަދުގެ ދާއިރާ، ދިފާޢީ އަދި އަދުލު އިންސާފުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އާންމު ޚިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާ ހިމެނެއެވެ. މީގެ ތެރެއިން 10.6 ބިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ ޞިއްޙީ ދާއިރާއަަށެވެ.

