ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލެ ރަށު މާރުކޭޓު ބަލައި ފާސްކޮށް 20 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލެ ރަށު މާރުކޭޓުން 55 ބިދޭސީން ބަލައި ފާސްކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އިމިގްރޭޝަން ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވުނު 20 މީހަކު ވަނީ އެ މުވައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. އެއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހުން މި އަހަރުގެ ޖޫން 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންނެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ ހިމެނޭ ގޮތަށް ތަފުސީލީ މައުލޫމާތުތައް އިމިގްރޭޝަނުން ވަނީ އެއްކޮށްފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ބުނެއެވެ.

