logo

ހުޅުމާލެ ހިއްކި ސަރަޙައްދުން 560 ގޯތި ހަވާލުކޮށްފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 560 އަށްވުރެ ގިނަ މީހުންނާ ގޯތި ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ގޯތި ހަވާލުކޮށްފަވާކަމަށެވެ. މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު %80 މީހުންނެވެ. ފޭސް 3ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން، 698 ފަރާތަކަށް ކުރިން ކަނޑައެޅި ގޯތީގެ ލޮކޭޝަން ބަދަލުކުރަން ޖެހުނެވެ.

މި ބަދާލާ ގުޅިގެން ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ. ބިން ހަވާލުކުރުމުގެ މަސައްކަތްތައް ފެށީ މިއަހަރުގެ މަރޗް މަހުގެ 26ވަނަ ދުވަހުއެވެ.

ގޯތި ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ، ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުން ކަމަށްވުމާއެކު، ބާކީ ހުރި ގޯތިތައްވެސް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 560 ފަރާތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު 80 އިންސައްތަ މީހުންނެވެ.

ފޭސް 3އިން ދޫކޮށްފައިވާ ގޯތިތަކުގެ ބޮޑުމިނާއި ޢަދަދަށް ބަލާއިރު، 1650 އަކަފޫޓުގެ 181 ގޯއްޗާއި، 2050 އަކަފޫޓުގެ 242 ގޯއްޗާއި، 2450 އަކަފޫޓުގެ 132 ގޯއްޗެވެ. މީގެ އިތުރުން 2850 އަކަފޫޓުގެ 62 ގޯއްޗާއި، 3250 އަކަފޫޓުގެ 41 ގޯއްޗާއި، 3650 އަކަފޫޓުގެ 16 ގޯއްޗާއި، 4000 އަކަފޫޓުގެ 24 ގޯއްޗެއް ހިމެނެއެވެ.

ނިމުނު ސަރުކާރުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެއިން ބިން ދޫކުރީ އެ ސަރަޙައްދު ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުގައި ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައި ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ad