logo

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

އިންޑޮނޭޝިއާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ. މި ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި ޢާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާފައިވެއެވެ.

މީގެއިތުރުން، ގެދޮރު ގެއްލުނު ޢާއިލާތައް ހިމެނޭހެން، މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މީހުން ސަލާމަތްކުރުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިންޑޮނޭޝިއާ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ހެޔޮދުޢާ ފޮނުއްވަމުންނެވެ.

ޔޫއެސްޖީއެސް އިން މައުލޫމާތުދޭ ގޮތުގައި ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 5:58 ހާއިރު، ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ. އިންޑޮނޭޝިއާގެ ޖިއޯފިޒިކްސް އެޖެންސީ އިން ބުނީ ފުރަތަމަ ބިންހެލުމަށްފަހު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށާއި، އަދި އިތުރު ލޮޅުންތަކެއްވެސް ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 51 އަށް ވަނީ އަރައިފައެވެ.

ad