ތ. ވޭމަންޑޫގައި އަލަށް ބިނާކުރާ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ޓަކައި، ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓާ އެކު ރަސްމީކޮށް އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ދިވެހި ދައުލަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ރަޝައިދު އަލްބަދަރެވެ.
މިއީ ގާތްގަނޑަކަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެކެވެ. މި އެހީ ހަމަޖެހިފައިވަނީ ރާއްޖެއަށް އެހީތެރިވުމަށް ކުވެއިތު ފަންޑުން ކޮންމެ އަހަރަކަށްވެސް ކަނޑައަޅާފައި އޮންނަ 10 މިލިއަން އެމެރިކާ ޑޮލަރުގެ މިންގަނޑުގެ ތެރެއިންނެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ތ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކޮށް، ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ހަމައެއާއެކު، ބޭސްފަރުވާއަށް މާލެ ދާންޖެހޭ ދިއުން މަދުވެ އެކަމަށް ހިނގާ ހަރަދުތައް ކުޑަކުރެވޭނެ ކަމަށާއި، އަތޮޅުގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިއްހީ ހިދުމަތްތައް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސެކަންޑްރީ ފެންވަރުގެ ފަރުވާ އެންމެ އެކަށޭނަ ވަގުތުގައި ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށްވެސް ފާހަގަކުރިވެ.
މީގެއިތުރުން، ތ. އަތޮޅު ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުމަށާއި، ބޭނުންވާ ޒަމާނީ މެޑިކަލް ސާމާނު ބެހެއްޓުމުގެ އިތުރުން އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޖާގައިގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ފަދަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.



