logo

ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މިދިޔަ ޖުލައި މަހު ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުދާ އޭގެ ކުރީ މަހާ އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އެއީ މި އަހަރުގެ ޖޫން މަހު އެ ހިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި 335 ޓަނުގެ މުދަލާ އަޅައި ބަލާއިރު 88 ޕަސެންޓް އިތުރު އަދަދެކެވެ.

ނިިމިދިޔަ ޖުލައި މަހު ރާއްޖެއިން ހަ އެއާލައިނެއް މެދުވެރިކޮށް 10 ގައުމަކަށް މުދާ ފޮނުވާފައިވެއެވެ. އެއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 131 ޓީއީޔޫސްކަމަށް އެމްޕީއެލުން ބުނެއެވެ. މި ޚިދުމަތުގައި ބައިވެރިވި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، ސައުދިއާ އެއާލައިން، ސްވިސް އެއާވޭސް އަދި ޓާކިޝް އެއާލައިން ހިމެނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ރާއްޖެއިން ބޭރަށް ފޮނުވި މަހަކީ މިދިޔަ މަހެވެ. އެމްއޭސީއެލުން މައުލޫމާތު ދެއްވާގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު ވަނީ 2,000 ޓަނަށްވުރެ މައްޗަށް އަރާފައެވެ. މިއީ އެއަރޕޯޓުގެ ތާރީޚުގައި މަހެއްގެ މައްޗަށް މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމަށް ދެވޭ ޚިދުމަތެކެވެ. މި ޚިދުމަތް ފޯރުކޮށްދެނީ އެމްއޭސީއެލްއާއި އެމްޕީއެލް ގުޅިގެންނެވެ. މިހާރު މި ޚިދުމަތާ 17 އަށްވުރެ ގިނަ އެއާލައިން ވަނީ ގުޅިފައެވެ.

ސަރުކާރުން ބުނިގޮތުގައި، ރާއްޖެއަކީ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ ގައުމަކަށްވުމާއެކު، މި ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު ރާއްޖެއަށް ވަރަށް ބޮޑެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި އެ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ލިބޭ މަސައްކަތެކެވެ.

ad