logo

މެންޓަލް ހެލްތައް ހާއްސަ ހޮސްޕިޓަލް އަޅަނީ ހުޅުމާލޭގައި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

މެންޓަލް ހެލްތު ބަލިތަކަށް ފަރުވާ ދޭ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށް ކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި އަޅަން ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ގީލާ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މެންޓަލް ހެލްތު ބަލިތަކަށް ފަރުވާދޭ ވަކި ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލް މާލޭ ސަރަހައްދުގައި އަޅަން ޖެހޭ ސަބަބުތައް ގިނަ ކަމަށާއި އެފަދަ ފަރުވާ މާލެ ސަރަހައްދުން ހޯދާ ފަރާތްތައްވެސް ގިނަ ވުމާއެކު ވަސީލަތްތައްވެސް ގާއިމުވެފައި ހުރީ މާލެ ސަރަހައްދުގައި ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި މެންޓަލް ހެލްތު ބަލި މީހުންނަށް ބޭނުންވާ ފަރުވާތަކާއި ހަދަންޖެހޭ ޓެސްޓުތައް ހެދެނީ މާލެ ސަރަހައްދުން ކަމަށް ގީލާ ވިދާޅުވި އެވެ. މީގެ އިތުރުން މެންޓަލް ހެލްތު ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މާލެ ސަރަހައްދުން އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.ވަޒީރު ވިދާޅުވީ 2023 އިން 2025 ގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ސައިކްރޭޓިސްޓް ކޮންސަލްޓެންސީ ހޯދާފައިވާ ކަމަށާއި މީގެ ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.

މެންޓަލް ހެލްތު ބަލި މީހުންގެ ތެރޭގައި އެކި މަރުހަލާގައި ފަރުވާ ލިބެންޖެހޭ ބަލި މީހުން ތިބޭ ކަމަށާއި އޭގެ ތެރޭގައި ކުރު މުއްދަތުގައި އަދި ދިގު މުއްދަތުގެ ފަރުވާ ބޭނުންވާ ބަލި މީހުން ތިބޭ ކަމަށް ގީލާ ވިދާޅުވި އެވެ. ގީލާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައިވެސް މެންޓަލް ހެލްތަކީ ސްޕެޝަލައިޒްޑް ހޮސްޕިޓަލް ނިޒާމެއްގެ ތެރެއިން ދެވޭ ފަރުވާތަކެކެވެ.

މާލެ ސަރައްދުގައި މިފަދަ ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އޭޕްރީލްމަހު އިއުލާންކުރައްވާފައެވެ. މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ ހޮސްޕިޓަލެކެވެ. މާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމިއަސް، ކުރިން ޕްލޭންގައިވާ ގޮތަށް ލާމު އަތޮޅުގައި ވެސް ހޮސްޕިޓަލް އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ad