logo

މަނީ ޗޭންޖިން ގަވާއިދާ ޚިލާފުވުމުން ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓައިފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދާ ޚިލާފުވުމާ ގުޅިގެން، ބޭރު ފައިސާގެ މުޢާމަލާތް ކުރުމަށް އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް ބާތިލްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މި ފިޔަވަޅު އަޅާފައިވަނީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން އެ ކުންފުނިން ޤަވާއިދާ ޚިލާފުވާކަން ފާހަގަކުރެވުމާ ގުޅިގެން ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ބޭރުފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދުގައިވާ ގޮތުން، މަނީޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި ކަނޑައަޅާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހެއެވެ.

އަދި ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި، އޮތޯރިޓީން އައްޔަން ކުރާ ފަރާތެއް ނުވަތަ އެމްއެމްއޭގެ އޮފިސަރުން މެދުވެރިކޮށް އޮންސައިޓް އެގްޒެމިނޭޝަންތައް ހިންގުމުގެ ބާރުވެސް ޤަވާއިދުން ލިބިދެއެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

އޭގެއިތުރަށް، އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

މި ޤަވާއިދުގެ ދަށުން ބޭރުފައިސާ ގަނެވިއްކުމުގެ ވަކި ރޭޓެއް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާ ޚިލާފަށް މުޢާމަލާތްތައް ކުރުމަކީ މަނާކަމެކެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވެމުންދާ ބޭރުފައިސާގެ ޤާނޫނުގައިވެސް މި މާއްދާތައް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

ad