logo

މަނީ ލޯންޑްރިންގެ ޖޫރިމަނާއަށް އަދީބު ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދައްކައިފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވާތީ، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދައްކައިފިއެވެ.

އަދީބުގެ މައްޗަށް އޭރު އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން އަދީބު 20 އަހަރަށް ޖަލަށްލުމަށާއި ޖޫރިމަނާގެ ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 05 އޮކްޓޯބަރު 2020 ގައެވެ.

އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގައި އަދީބުގެ މައްޗަށް އިއްވި 5 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ހުކުމާއެކު އަދަބެއްގެ ގޮތުގައި ކަނޑައެޅުނު ޖޫރިމަނާއެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން އަދީބު މިހާރު ވަނީ ބާކީ ދައްކަވަން އޮތް ފައިސާ ވެސް ދައްކައިފައެވެ.

އެ ފައިސާ ނުދައްކައިގެން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމާލީ، އަދީބު އެ ފައިސާ މުޅިން ދައްކަވައި ޚަލާޞްކުރައްވާފައިވާކަން ދައުލަތުން ކޯޓަށް އެންގުމާ ގުޅިގެންނެވެ. އެގޮތުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަދީބު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 100،000 ރުފިޔާ އަދި މިދިޔަ ހަފްތާގެ ތެރޭގައި ބާކީ އޮތް 900،000 ރުފިޔާ ދައްކައިފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގައި އަދީބަށް ބޮޑެތި ޖަލު ހުކުމްތަކެއް ކުރެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް އެ ހުކުމްތައް މާފުކޮށްދެއްވުމުން އަދީބު ވަނީ މިނިވަންވެފައެވެ.

ad