ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ އިންސާނާއާ ޙަވާލު ކުރަށްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، އެ ނިޢުމަތަށް ފަރުވާތެރިވެ ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ޒިންމާއެއް ކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ޞިއްޙަތަށް ފަރުވާތެރިވުން" މި މައުޟޫޢުގައި މިއަދު އިއްވި ޚުޠުބާގައި ވަނީ ، އިންސާނާގެ ނަފުސުތަކަކީ އެއުރެންނާ ﷲ ތަޢާލާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން ބަޔާންކޮށް، އެ މީހެއްގެ ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެކަން ބުނެފައެވެ. އަދި، ﷲ ތަޢާލާއީ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވަންތަ ރަސްކަލާނގެކަން ހަނދާންކޮށްދީ، އަމިއްލަ ނަފުސަށް ގެއްލުން ނުދިނުމަށް އަންގަވާފައިވާ އާޔަތެއް އެއާއެކު ޚުތުބާގައި ގެނެސްފައިވެއެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެއެވެ. ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަކަށް ލިބިގެންނެއް ނުވެއެވެ. އީމާންކަމަކީ ތަދު އިޙުސާސްނުވުމެއް ނޫން ކަމަށާއި މުއުމިނު އަޅާގެ ހަޤީޤީ ބާރަކީ، ދަތި ޙާލަތްތަކުގައި ވެސް މާތް ﷲއާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
މީގެއިތުރުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ފާހަގަކުރީ، ގިނަ ބަޔަކު އެ ދެ ނިޢުމަތަކާ މެދު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ "ޞިއްޙަތާއި ހުސްވަގުތު" ކަމަށެވެ. އެހެންކަމުން، މި މުހިންމު ރައުސްމާލުގެ އަގު ވަޒަންނުކޮށް ބޭކާރުކޮށްލުމުގެ ބަދަލުގައި، މާދަމާ ޤިޔާމަތް ދުވަހު ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ދަނެ، އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޚުތުބާގައި ވަނީ މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ އަލީގައި މުއުމިނު އަޅާއާއި ކާފިރު މީހާގެ މިސާލެއް ޖަހާފައެވެ. އެގޮތުން، މުއުމިނު އަޅާގެ މިސާލަކީ ފަތްތައް ހެލިލައިހެލިލައި ހުންނަ ޅަނދޮޅު ގަހެއްގެ މިސާލުކަމަށް ޚުތުބާގައި ގެނެސްފައިވެއެވެ. މިސާލު އިތުރަށް ތަފުސީލުކޮށްދެމުން ޚުތުބާގައި ބުނެފައިވަނީ، ޖެހޭ ގަދަ ވަޔާއެކު އެގަސް ލެނބޭކަމަށާއި ވައި މަޑުވުމުން އެގަސް ސީދާވާކަމަށެވެ. މުސީބާތްތަކުގައި މުއުމިނު އަޅާގެ މިސާލަކީ މިއީކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކާފިރުވި މީހާގެ މިސާލު ޚުތުބާގައި ގެނެސްފައިވަނީ މާތްﷲ އިރާދަކުރެއްވި ވަގުތަކު މުލުން ލުހެލައްވަންދެން ވަޔާ ނުލެނބި، އެއްވެސް ގުޑުމެއް ނާރައި ސީދަލަށް ހެދިފައި ހުންނަ ފިތުރޯނު ޢާއިލާގެ ގަހެއްގެ ގޮތުގައެވެ. މި ހަދީސްފުޅު ގެނައުމަށްފަހު ޚުތުބާގައި ވަނީ، ހަގީގީ މާނައިގައި އީމާންކަމަކީ އެއްވެސް މިންވަރަކަށް ތަދު އިހުސާސް ނުވުން ނޫންކަމަށާއި މުއުމިނު އަޅާގެ ހަގީގީ ބާރަކީ ދަތި ހާލަތްތަކުގައިވެސް މާތްﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުންކަން ހަނދާންކޮށްދީފައެވެ.
ހުކުރު ޚުޠުބާ ނިންމާލަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫން ކަމަށާއި، އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެއްކަމަށް ވިދާޅުވިއެވެ. ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ގޮވައިލާން ދިޔުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ވިދާޅުވިއެވެ.

