މޯލްޑީވިއަން ޑިމްކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ރޭ ކުރިއަށްގެންދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލުވުމުގަ، ކޮންގްރެސް ބާއްވާނެ ތާރީހެއްގެ ގޮތުގައި 19 ސެޕްޓެމްބަރު ކަނޑައެޅުމަށް ހުށައަޅާފައިވަނީ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ގައުމީ މަޖިލީހުގައި މި ހުށަހެޅުމަށް ބަހުސް ކުރިއިރު ބައެއް މެންބަރުން ވަނީ ގައުމީ މަޖިލިސްވެސް ސެޕްޓެމްބަރު 25 ގައި ހަމަވާކަން ފާހަގަކޮށްފަ އެވެ. އެހެންވެ އެ އިންތިހާބަށްފަހު ކޮންގްރެސް ބޭއްވުމަށް ބައެއް މެންބަރުން ބޭނުންވި އެވެ.
ޗެއަރޕަރސަން ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ގޮތަށް ސެޕްޓެމްބަރު 19ގައި ކޮންގްރެސް ބާއްވަން ފާސްވީ ޖަލްސާގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.
އެގޮތަށް ފާސްވުމާއި ގުޅިގެން ސީދާ އެތާރީޚުގައި ކޮންގްރެސް ބާއްވަން ޕާޓީން މަސައްކަތް ކުރައްވާނެކަމަށާއި، އަދި އެކަމަށް ދެން އަމަލުކުރަންވީ ގޮތް ހާމަކުރައްވާނެކަމަށް ޕާޓީގެ ޗެއަރޕަރސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި ކޮންގްރެސްއަށް ފަހު ޕާޓީގެ ޤައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެއިންތިޚާބުވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ޤައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެއެވެ.

