ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުން ދޫކޮށްލައިފިއެވެ.
މި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ދޫކޮށްލާފައިވަނީ ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކުރުމަށްފަހުގައެވެ.
މި މައްސަލައިގައި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ސައިކަލު ދުއްވަން އިން ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، އުމުރުން 20 އަހަރުގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިނގި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެން ގެނެސްފައިވަނީ، ކ. ގާފަރު، މަލަ، އުމުރުމް 30 އަހަރުގެ އަޙްމަދު ސިނާޒްގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ފަހުން ހައްޔަރުކުރި 21 އަހަރުގެ ދެ ފިރިހެނުންނެވެ.
މި ހަތަރު މީހުން ހައްޔަރުކޮށް ޓެސްޓު ކުރިއިރު، އެ އެންމެން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ޓަކައި ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި މި ސައިކަލު ކޮންޓްރޯލް ނުވެ، ފުރަތަމަ ޖެހުނީ މަގުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑުގައެވެ. އެއަށްފަހު ވިއްސައިގެން ގޮސް، އެތަނުގައި ޑިއުޓީ އަދާކުރަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހި، އޭނާގެ މޫނުމައްޗަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.
މަސްތުގެ ހާލަތުގައި ތިބެ، އާންމުންނާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހިންގި މިއަމަލަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ އިދާރާއިން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

