މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ "ބޮޑު ބަދަލު" ފެކްޝަނުން ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ކަށަވަރުކޮށްފިއެވެ.
ވަގުތީ ނަތީޖާއަށް ފަހު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ މަޖިލީހުން ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް މިފަދަ ބޮޑު އަގުލަބިއްޔަތެއް ލިބުމަކީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ކަމެއް ކަމަށެވެ. އަދި މަސައްކަތް ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށާއިި އެމްޑީޕީން އެކުގައި ނުކުމެ މި ގައުމަށް ހެޔޮ ބޮޑުބަދަލެއް ގެނެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މި އިންތިހާބުގައި ޕާޓީގެ އެތެރޭގެ ބޮޑު ވާދަވެރިކަމެއް ’ބޮޑު ބަދަލު‘ގެ ޓީމާއި ’ޓީމް އެމްޑީޕީ‘ ގެ ނަމުގައި އުފެދުނު ދެ ފެކްޝަނުގެ މެދުގައި އޮތް އިރު، ގައުމީ މަޖިލީހުގެ 359 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް މެންބަރުން ހޮވުނީ އިންތިހާބަކާ ނުލައެވެ. ބާކީ އޮތް 273 ދާއިރާގެ ވޯޓުލުން ކުރިޔަށް ގެންދިޔަ އިރު މި އިންތިހާބުގައި އެކި މަގާގުތަކަށް ޖުމްލަ 1102 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.
ހުކުރު ދުވަހު ބޭއްވި މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދުނީ މާލެ ސިޓީ ތަމްސީލުކުރާ 16 ދާއިރާއަށެވެ. އެ 16 ދާއިރާއަށް ޖުމްލަ 43 ކެންޑިޑޭޓުން ވާދަކުރި އިރު، އެ ދާއިރާތަން 11 ގޮނޑި ކާމިޔާބު ކުރީ ބޮޑު ބަދަލުގެ ޓީމުންނެވެ. އެގޭ ތެރޭގައި އެމްޑިޕީ އިސް ސަފުގައި ފާހަގަކޮށްލެވޭ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުން ހިމެނި ވަޑައިގެންނެވިއެވެ.
ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އައްޑޫއަށް ބަލާއިރު، އެ ސިޓީގެ 39 މަގާމަކަށް 86 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މީގެ އިތުރުން، ފުވައްމުލަކުގެ 13 މަގާމަކަށް 23 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު ކުޅުދުއްފުށީގެ ނުވަ މަގާމަކަށް 21 ކެންޑިޑޭޓުން އަދި ތިނަދޫގެ 8 މަގާމަކަށް 18 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.
ޖުމްލަކޮށް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އަތޮޅުތަށް ހިމެނޭހެން ގައުމީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ބޮޑު ބަދަލު ޓީމުންނެވެ.

