logo

އަންނަ އަހަރުގެ ބަޖެޓް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި

ދިޔާމާ އިބްރާހިމް
ގަޑިއިރެއް ކުރިން

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު އެ މިނިސްޓްރީން ފޮނުވި ގޮތަށް އެއްވެސް އުނި އިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖީލީހުން މިއަދު މި ބަޖެޓް ފާސްކޮށްފައިވަނީ، 65 މެންބަރުންގެ ވޯޓާއެކުއެވެ. މި ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެންމެ ޕާޓީ ކަމަށްވާ އެމްޑީޕީގެ 13 މެންބަރުންނެވެ.

މި ބަޖެޓު މަޖިލީހުން ފާސްކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ބަލައިގަތުމެއް ނެތިއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރީ، މި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް، މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީގެ ރިޕޯޓަށް އެމްޑީޕީގެ ފަރާތުން އިސްލާހްތަކެއް ހުށަހެޅިނަމަވެސް އެ އިސާލާހް ތައް ފާހެއް ނުވިއެވެ.

އަންނަ އަހަރަށް ދަައުލަތުން ހުށަހެޅި މި ބަޖެޓްގައި ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ހަރަދެވެ. އެއީ 42.7 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ އާމްދަނީ އަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު، އާމްދަނީއާއި ހަރަދުގެ ފަރަގަށް ބަލާއިރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ހަރާނެ ކަމަށް ބެލެވެއެވެ.

ad