logo

މީދޫ ކައުންސިލް އިންތިހާބުގަ ކެންޑިޑޭޓުންގެ މަންދޫބުންނާ އޮބްޒަރވަރުން އަދި މޮނީޓަރުންނަށްވުމުގެ ފުރުޞަތު ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުން ,އޮބްޒަރވަރުން އަދި މޮނިޓަރުންނަށްވުމަށް 2026 މޭ 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ފުރުޞަތު ވަނީ ހުޅުވާލައިފިއެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ. އެގޮތުން މި އިތުރުބުރުގައި ބަހައްޓާ 3 ވޯޓު ފޮށްޓަށް ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން މަންދޫބަކު އައްޔަނުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

އޮބްޒަރވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާ އަދި ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރކުރުމަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލާ އަދި ވޯޓުގުނާ ކޮންމެ ސަރަޙައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒަރވަރަކަށާއި އެއް މޮނީޓަރަކަށެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުންނެވެ. އޮބްޒަރވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމާއި މޮނީޓަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްޢިއްޔާތަކުން ނުވަތަ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކުން އޮބްޒަރވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް simedha.elections.gov.mv މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިންނެވެ

2026 ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގައި ދ.މީދޫގެ، ދ.އަތޮޅު މަދަރުސާގައި 2 ވޯޓު ފޮށި އަދި މާލޭގައި، ދަރުމަވަންތަ ސްކޫލްގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓު ނެގުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

ad