ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ކުރަން އުޅޭ ވާހަކައަކީ އެމްޑީޕީން ދައްކަމުދާ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި، ކުރަން އުޅޭ ކަމަކީ ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެރާއްޖެ ތަރާވީސް" ގައި ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ ހިޔާލު ވަރަށް ގާތުން އަޑުއައްސަވާ ބޭފުޅެއް ކަމަށާއި، މި ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކު މިއަދުގެ ރައީސް މަސައްކަތްޕުޅު ކުރައްވާ ގޮތަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި ތަނެއް މީގެ ކުރިން ފެނިފައިނުވާ ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުންނަށް މިފަދަ ކަންކަން ކުރަން ފުރުސަތު ލިބުނު އިރުވެސް އެކަން ކޮށްފައިނުވާ ކަމަށެވެ.
ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ޕަބްލިކް ރިފަރެންޑަމް) ދާންޖެހޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން މަޖިލީހުގެ އަޣްލަބިއްޔަތު އޮވެގެން ރައްޔިތުންގެ ގާތުން އަހަންޖެހޭ ކަންކަން ނާހައި ކޮށްފައިވާތަން ތާރީޚުން ފެންނަން އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑެތި ނިންމުންތަކުން ފެށިގެން އާދައިގެ ކަންކަމުގައި ވެސް ރައްޔިތުންގެ ހިޔާލަށް އިސްކަންދޭ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ރައީސް ފުރަތަމަ ނިންމެވި ނިންމެވުންތަކަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެކި ގޮތްގޮތުން ރައްޔިތުންގެ އަޑު އަހައިގެން ނިންމެވި ކަންކަން ކަމުގައި ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، 10 އަހަރާއި 15 އަހަރު ފަހަތުގައި ރާއްޖެ ތަރައްގީ ނުުވެ އޮތީ މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ކަންކަން ކުރައްވަން ކެރިވަޑައިނުގަތީމައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ވޭޕާއި ސިނގިރޭޓުގެ މައްސަލައިގައި ޖީލެއް ސަލާމަތް ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ފެއްޓެވުމުން ވަރަށް ގިނަ ފަރާތްތަކުން ދެކޮޅު ހެދި ކަމަށެވެ. އަދި ޑޮލަރުގެ މައްސަލައިގައި ރައީސް ފިޔަވަޅުތަކެއް އެޅުއްވުމުން އެކަމާ ވެސް ބަޔަކު ދެކޮޅު ހެދި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

