ރާއްޖޭގެ ރަށްތައް ތަރައްޤީކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަ ނުގެއްލޭނޭ ގޮތަށްކަމަށް ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި ''މަގޭ ދަރަވަންދޫ އެވޯޑު 2025'' ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮންމެ ރަށަކީ ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނޭ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
''ރަށްތައް ތަރައްޤީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމު'' ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިއްމު ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
