ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަކަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މިކަމާގުޅޭ އުސޫލު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވަނީ މަރިޗް 4 ވަނަ ދުވަހުއެވެ. "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު، ހެނދުނު 11:00 އިން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އެވެ. ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހެނީ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.
"ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތިކަމަށެވެ. މިސްކީމްގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއެވެ.
ކުރިން އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް މިފުރުސަތުގައި ކުރިމަތިލެވޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

