logo

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ގޮތް ހަމަޖައްސައިފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ ޢުމްރާވެރިންނަށް، ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްޞަ އިންތިޒާމެއް މި އަހަރުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރގެ ގްރައުންޑް ފްލޯއިންނެވެ. މި ޚިދުމަތް ލިބިގަތުމަށް ކަސްޓަމަރ ސަރވިސް ސެންޓަރުން ނަންބަރު ނެގޭނެއެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތް ދޭނީ މި މަހުގެ8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30އިން މެންދުރު 12:30އަށްކަމަށެވެ. މި ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށާއި އެހެންނަމަވެސް، އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެެ. އަދި ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެ ކަމަށް ވެސް ބުންޏެެވެ.

އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޢުމްރާވެރިންނަށް ވީހާވެސް ފުރިހަމައަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ކަސްޓަމަރުން ސަމާލުކަން ދިނުމަށް ބޭންކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި:

* ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުނަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.
* ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށަހަޅަންވާނެއެވެ.
* ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ހުށަހަޅަންވާނެއެވެ.
* ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރެވެ.
* ކޮންމެ ޢުމްރާވެރިއަކަށްވެސް ޖުމްލަ 5 ޢުމްރާވެރިންނަށް ޑޮލަރު ގަނެވޭނެއެވެ.
* ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނީ ބީއެމްއެލް ޑެބިޓް ކާޑަކުންނެވެ.

އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ad