ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
އެބޭންކުން މިހެން ބުނީ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.
ބީއެމްއެލްއިން ބުނީ، ޓީމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެ ކަމަށެވެ. ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް ޑޮލަރު ވިއްކާ އަދަދަށް ވަކި ލިމިޓެއް ކަނޑައެޅުންކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާ ކަމަށެވެ. އެހެންކަމުން ބޭންކުން ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ އެކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށް ކަމަށް ވިދާޅުވިއެވެ.
ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހެއެވެ. މަހަކު 30 ޓްރާންސެކްޝަނަށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާކަމަށް މިހާރު ފާހަގަވެފައިވަނީ 3 އިންސަތައް މީހުން ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މިގެނެވުނު ބަދަލަކީ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ގެނެވޭ ހެޔޮބަދަލެއްގެ ގޮތުގައި އެ ބޭންކުން ވަނީ ސިފަކުރައްވާފައެވެ.
ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ބަޔަކަށް ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބީއެމްއެލް އިން ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

